"ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްޤެއް"

މި އޮފީހުގެ ދައުރު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 113 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މިނިވަން،  މުސްތަޤިއްލު އިދާރާއެކެވެ. މި އޮފީސް އުފެދިފައިވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ތަންފީޛުކުރާ މިންވަރު މޮނިޓަރކުރުމަށެވެ.

 

އޮފީހުގެ މަސައްކަތްތައް:

· ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ އެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުން.

·  ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

· ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުން.

· ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުން.

 

ތަސައްވުރު

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ ދައުލަތުގެ އެންމެހައި އިދާރާތަކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކަމާބެހޭ ޤާނޫނާއި ގަވާއިދުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާ އަދި ކުޑަކުދިންނަށް ލިބެންޖެހޭ އެންމެހައި ޙައްޤުތައް ރައްކާތެރިކޮށް، ޤާނޫނާއި ގަވާއިދުތައް ނަގަހައްޓައި ތަންފީޛުކުރުމުގައި ނަމޫނާ މުއައްސަސާތަކަކަށް ހެދުމުގައި ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ އިދާރާއަކަށް ވުން.

 

އޮފީހުގެ ޑިޕާޓްމަންޓްތަކާއި މައިގަނޑު މަސައްކަތްތައް

އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓްއަށް ފުރަތަމަ މުވައްޒަފެއް ހަމަޖެހި މަސައްކަތް ފެށިފައިވަނީ 1 ޑިސެމްބަރު 2020 ގައެވެ. ޑިޕާޓްމަންޓްގައި 2020 ވަނަ އަހަރު ނިމުންއިރު މަސައްކަތްކުރަމުންދަނީ ޖުމްލަ 2 (ދޭއް) މުވައްޒަފުންނެވެ. މި ޑިޕާޓްމަންޓްގެ މެންޑޭޓްގެ   ތެރޭގައި ހިމެނިގެން ތިރީގައިވާ މަސައްކަތްތައް 2020 ވަނަ އަހަރު ވާނީ ކުރެވިފައެވެ.

ކޮމެޕްލެއިންޓްސް ރެޖިސްޓްރޭޝަން އެންޑް އިވެލުއޭޝަން ގެ މަސައްކަތް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ ޝަކުވާ ރަޖިސްޓަރީކުރުމާއި، މައްސަލަތަކުގެ ޕްރިލިމިނަރީ އިންވެސްޓިގޭޝަން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާގުޅޭ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކުންނާއި އޮފީސްތަކުން ހޯދުމަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމާއި މައްސަލައިގެ ޕްރިލިމިނަރީ އިންވެސްޓިގޭޝަން ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 

އިންވެސްޓިގޭޝަންގެ މަސައްކަތް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަޙުޤީޤުކުރުމަށް ނިންމާ މައްސަލަތަކުގެ ތަޙުޤީޤުކުރުމާއި، ދަޢުވާ ކުރަންޖެހޭ މައްސަލަތައް ދަޢުވާކުރުމަށް ފޮނުވުމުގެ މަސްއޫލިއްޔަތު.

 ޤާނޫނީ އެހީތެރިކަން

ޤާނޫނީ މަސައްކަތްތަކުގެ ގޮތުގައި މި ޑިޕާޓްމަންޓުން ކުރެވިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި؛

1.      ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ދައުލަތުގެ އިދާރާތައް/މުވައްޒަފުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ބޭނުންވާނެ ގަވާއިދުތަކާއި، އުސޫލުތަކާއި، އެސްއޯޕީތައް އެކުލަވައިލުމުގެ މަސައްކަތްތައް.

2.      ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ދައުލަތުގެ އިދާރާތައް/މުވައްޒަފުންނާ ގުޅޭގޮތުން މި އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމުގެ އެންމެހައި މަސައްކަތްތައް.

3.      ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ދައުލަތުގެ އިދާރާތައް/މުވައްޒަފުންނާ ގުޅޭގޮތުން މި އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު، ދަޢުވާކުރަންޖެހޭކަމަށް ފެންނަނަމަ އެފަދަ މައްސަލަތައް ދަޢުވާކުރުމަށް ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް.

4.      ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ޤާނޫނީގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ގަވާއިދުތަކާއި، އުސޫލުތަކާއި، އެސްއޯޕީތަކާއި، އެހެނިހެން ޤާނޫނީ ލިޔުން ތައްޔާރުކުރުމުގެ މަސައްކަތްތައް.

5.      ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ޤާނޫނީ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން، އެ ފަރާތަށް ބޭނުންވާ ޤާނޫނީ ލަފާ ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް.

6.      ކުޑަކުދީންގެ ޙައްޤުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދޭ އެންމެހައި ޤާނޫނުތައް ދިރާސާކޮށް، އެ ޤާނޫނުތަކަށް އިޞްލާޙު ހުށަހަޅަންޖެހޭނަމަ، އެކަންކަން ކުރުމުގެ އެންމެހައި މަސައްކަތްތައް.

7.      ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތައްޔާރުކުރަންޖެހޭ އެންމެހައި އެއްބަސްވުންތަކާއި، އެމްއޯޔޫތަކާއި އަދި އެފަދަ އެހެނިހެން ޤާނޫނީ ލިޔެކިއުން ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް.

8.      ޗިލްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުމާއި، އެ މިންގަނޑުތަކާއި ސިޔާސަތުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.

9.      ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ދަޢުވާކުރުމަށް ފޮނުވާ މައްސަލަތައް މޮނީޓަރކުރުން.

10.  އަނބުރާ މި އޮފީހަށް ފޮނުވޭ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅުންހުރި ސެކްޝަންތަކާ ގުޅިގެން ކުރުން.

11.  ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ނިޒާމުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތައް ދިރާސާކޮށް އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

12.  ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އުސޫލުތަކާ ގުޅޭ ޤާނޫނީ ލަފާ ދިނުން.

13.   ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުން ޤާނޫނުތަކާއި ތަޙުޤީޤީ މަސައްކަތްތަކަށް އަހުލުވެރިކުރުން.

14.  ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ދަޢުވާ ލިބޭ އަދި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ދަޢުވާކުރާ މައްސަލަތަކުގައި އޮފީސް ތަމްސީލުކުރުން.

 

   ކޮމްޕްލަޔަންސް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް

ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާގޮތުގެމަތިން، ދައުލަތުގެ އިދާރާތަކުން ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަތުމާއި، ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމެވެ. މިގޮތުން ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން ކުރުން ލާޒިމްކޮށްފައިވާ ކަންތައްތައް އެ އިދާރާތަކުން ކުރާ މިންވަރު ދެނެގަންނާނެ ގޮތުގެ އުސޫލުތަކާއި މިންގަނޑުތަކުގެ ދަށުން އެ ކަންތައްތައް ގަވާއިދުން ވަޒަންކޮށް، އެކަންތައްތަކާބެހޭ ގޮތުން އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަކީވެސް ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީގެ އިތުރުން ޤާނޫނު ތަންފީޛުކުރެވޭ މިންވަރު ވަޒަންކުރުމަށްޓަކައި ހޯދާ މަޢުލޫމާތުގެ އަލީގައި އިޞްލާޙުކޮށް، އިތުރަށް ހަރުދަނާކުރަންޖެހޭ ކަމެއް ފާހަގަކުރެވޭނަމަ، އެކަންކަމާގުޅިގެން ކަމާބެހޭ އިދާރާތަކާ ހުށަހެޅުންތައް ޙިއްޞާކުރުމަކީވެސް ޤާނޫނުގެ ދަށުން ޑިޕާޓްމަންޓަށް މަސްއޫލުކޮށްފައިވާ ކަމެކެވެ.

މިގޮތުން ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމަށްޓަކައި 2 އަހަރުގެ ތެރޭގައި މަދުވެގެން 1 ފަހަރު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އެތަނަކަށް ޒިޔާރަތްކުރުމަށްފަހު މަޢުލޫމާތު ހޯދުމަށްވަނީ ރާވާފައެވެ. އަދި މަދުވެގެން އަހަރަކު 1 ފަހަރު "ސެލްފް އޯޑިޓް"އެއް ނުވަތަ އެ މުއައްސަސާއެއްގެ ފަރާތުން އެއްކުރާ މަޢުލޫމާތެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާ ޚިއްޞާކުރުމަށް ވަނީ ރާވާފައެވެ. މިގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންކުރާނީ އޮފީހުގެ ފަރާތުން މި މަޤްޞަދުގައި އެކުލަވާލާފައިވާ ޓޫލްކިޓެކެވެ. ޓޫލްކިޓްގެ ޒަރިއްޔާއިން މިފަދައިން އެއްކުރެވޭ މަޢުލޫމާތުގެ  މައްޗަށް  ރިޕޯޓެއް އެކުލަވާލުމަށްފަހު ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް  ބިނާކޮށް  ހުށަހެޅުންތަކެއް އެކުލަވާލެވޭނެއެވެ. އަދި މި ހުށަހެޅުންތައް ކަމާބެހޭ ފަރާތްތަކާ ޙިއްޞާކޮށް، މި ހުށަހެޅުންތައް ތަންފީޛުކުރަމުންދާ މިންވަރު ގަވާއިދުން މޮނިޓަރކުރުމަށްޓަކައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޑިޕާޓްމަންޓާ ހަވާލުކުރެވޭނެއެ

 

   ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓާއެވެ. މި ޑިޕާޓްމަންޓްގައި 2020 ވަނަ އަހަރު މަސައްކަތްކޮށްފައިވަނީ ޖުމްލަ 5 (ފަހެއް) މުވައްޒަފުންނެވެ. މި ޑިޕާޓްމަންޓްގެ ދަށުން  ކުރެވިފައިވާ މައިގަނޑު މަސައްކަތްތައް ތިރީގައި އެވަނީއެވެ.

 ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ބިއުރޯގެ މަސައްކަތްތައް

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެފަރާތުން ބައިވެރިވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި އެފަރާތުން ބޭއްވުމަށް ބޭނުންވާ ބައްދަލުވުންތައް ބޭއްވުމަށް އިދާރީ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި، ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިފަދަ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ތަންފީޛުކުރުމަށް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ނުވަތަ މުވައްޒަފުންނަށް ހަވާލުކުރުމާއި އެކަންކަން ތަންފީޛުކުކުރަމުންދާގޮތް މޮނިޓަރކޮށް މަސައްކަތް ހަލުއިކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ މިޑިޕާޓްމަންގެ ދަށުން ކުރަމުންދާ ބައެއް މަސައްކަތްތަކެވެ. މީގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް އެޕޮއިންޓްމަންޓަށް ހުށަހެޅޭ އެންމެހާ ހުށަހެޅުންތައް ބަލައިގަނެ، އެޕޮއިންޓްމަންޓް އިންތިޒާމްކޮށް އެޕޮއިންޓްމަންޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން މިޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. ­

އޮފީހުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް

އޮފީހަށް ލިބޭ ލިޔުންތަކާ އޮފީހުން ފޮނުވާ ލިޔެކިޔުންތަކުގެ އެންޓްރީ އަދި ޑިސްޕެޗް ބެލެހެއްޓުމާއި، އޮފީސް ފޮޅާ ސާފުކުރުމާ އޮފީހުގެ މަރާމާތުގެ ކަންތައްތައް ރާވާ ހިންގުން.

މުވައްޒަފުންނާ ގުޅޭ އެންމެހާ މަސައްކަތްތައް

އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންތައްތަކާއި، މުވައްޒަފުންގެ ފެންވަރު ބެލުމުގެ އަހަރީ މަސައްކަތްތަކާއި، މުވައްޒަފުންގެ ތަރައްޤީއަށް ބޭނުންވާ ތަމްރީނާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން.

އޮފީހަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތްތައް

އޮފީހަށް ބޭނުންވެގެން ހޯދާ މުދަލާއި ޚިދުމަތަކީ އޮފީހަށް އެންމެ ބޭނުންތެރި ފެންވަރު ރަނގަޅު އަދި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ހޯދާފައިވާ ތަކެތިކަން ޔަޤީންކުރުން.

އޮފީސް ބަޖެޓް އަދި ފައިސާ ޚަރަދުކުރުމުގެ މަސައްކަތްތައް

 އޮފީހުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތަކާއި، ބަޖެޓުން ޚަރަދު ކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުން. މީގެ އިތުރުން އޮފީހުގެ މާލީ ބަޔާން ތައްޔާރުކުރުމާއި މާލީ ބަޔާނަށް ބޭނުންވާ އެންމެހާ ލިޔެކިޔުންއް ތައްޔާރުކޮށް ބެލެހެއްޓުން.

 

    މޮނިޓަރިން އެންޑް އިވޭލުއޭޝަން ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަޔާންކޮށްފައިވާގޮތުގެމަތިން، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމެވެ. މިގޮތުން ޤާނޫނު ތަންފީޛުކުރެވޭ މިންވަރު ވަޒަންކުރުމަށްޓަކައި ހޯދާ މަޢުލޫމާތުގެ އަލީގައި އިޞްލާޙުކޮށް، އިތުރަށް ހަރުދަނާކުރަންޖެހޭ ކަމެއް ފާހަގަކުރެވޭނަމަ، އެކަންކަމާގުޅިގެން ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރާ ކަންކަން ތަންފީޛުކުރާ މިންވަރު ގަވާއިދުން މޮނިޓަރކުރުމަކީ ޤާނޫނުގެ ދަށުން މި ޑިޕާޓްމަންޓަށް މަސްއޫލުކޮށްފައިވާ ކަމެކެވެ. އަދި މިގޮތުން ހޯދާ މަޢުލޫމާތު އިވެލުއޭޓްކޮށް، އިތުރަށް ދިރާސާކޮށް، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ކުރިމަތިވުމުގެ އަސްލު ސަބަބު ދެނެގަތުމަކީވެސް މި ޑިޕާޓްމަންޓްގެ މުހިންމު ޒިންމާއެކެވެ. 

މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު މައްސަލައަކާ ގުޅިގެން ކުއްޖެއް ހުރި ޙާލަތެއް ނުވަތަ ވަކި މުއައްސަސާއެއް ދިގު މުއްދަތަކަށް މޮނިޓަރކުރަންޖެހޭކަމަށް ތަޙުޤީޤުން ފާހަގަކުރެވޭ ޙާލަތްތަކުގައި ކަނޑައެޅޭ ވަކި މުއްދަތަކަށް ގަވާއިދުން މިފަދަ ކަންކަން މޮނިޓަރކުރުމަކީ ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތަކެވެ. މިގޮތުން މޮނިޓަރކުރުމުގެ ގޮތުން ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ ތަންތަނަށް ޒިޔާރަތްކުރުން ހިމެނެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކަންކަން އިވެލުއޭޓުކުރުމަށްފަހު އެ ކަމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ އިދާރާއެއް ނުވަތަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ދައުލަތުގެ މުވައްޒަފެއް ކުޑަކުއްޖެއްގެ ޙައްޤެއް ނިގުޅައިގަތުން، ނުވަތަ އެފަދަ  ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވުން، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވުމުގެ ޢަމަލެއް އެކުލެވިގެންވާ ކަމެއްނަމަ، އެކަން ތަޙުޤީޤުކުރަން ފޮނުވިދާނެއެވެ. އަދި އިވެލުއޭޓުކުރެވުނު ފަރާތުގެ ހިންގުމުގެ ދާއިރާގައި ނުވަތަ އެ ނޫންވެސް ކަމެއްގައި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން އިޞްލާޙުކުރަންޖެހޭ ކަމެއް ހުރިނަމަ އެ ފަރާތަށް އެކަން އެންގުމަކީ މި ޑިޕާޓްމަންޓްގެ ޒިންމާއެކެވެ.

މީގެ އިތުރުން، އިވެލުއޭޓުކުރެވުނު ފަރާތުގެ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާ ގުޅުން ހުރި އެއްވެސް ކަމެއް މޮނިޓަރކޮށް ބަލަހައްޓަންޖެހޭ ނަމަ، އެ ކަމެއް މޮނިޓަރ ކުރުމަށް ނިންމިދާނެއެވެ. އަދި އިވެލުއޭޓުކުރެވުނު ފަރާތުގެ ކުޑަކުދިންގެ  ޙައްޤުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފެއްގެ ސުލޫކީ މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، އެ  މުވައްޒަފަށް ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތަށް އެންގުމަކީ މި ޑިޕާޓްމަންޓްގެ މަސްއޫލިއްޔަތެކެވެ.

 

  އެޑްވަކަސީ އެންޑް އެވެއަރނަސް ޑިޕާޓްމަންޓް

މި ޑިޕާޓްމަންޓުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ ދަށުން، މި ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކާއި، އެކުދިންގެ މަސްއޫލިއްޔަތުތަކާއި، ބެލެނިވެރިންނާއި އެހެން ފަރާތްތަކުގެ ޒިންމާތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުމަށްޓަކައި މަޢުލޫމާތު ޢާންމުކުރުމާއި، މުޖުތަމަޢާއި ކުޑަކުދިން ހޭލުންތެރިކުރުމަށްޓަކައި އެކި ފަރާތަކަށް ޕްރޮގްރާމްތައް ހިންގުމެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ބާއްވާ ފޯރަމް، ވޯކްޝޮޕް ތަކުގެ އިތުރުން، ގުޅުންހުރި ޢިދާރާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕްތަކާިއ، ތަމްރީނު ޕްރޮގްރާމްތައްވެސް ހިމެނެއެވެ. 

މީގެ އިތުރުން އޮފީހުގެ ފަރާތުން މީޑިއާއަށް ދޭންޖެހޭ މަޢުލޫމާތު ތައްޔާރުކޮށް މީޑިއާތަކަށް ފޮނުވުމާއި، އޮފީހުގެ ވެބްސައިޓާއި މީސްމީޑިއާ އެކައުންޓްތައް ބެލެހެއްޓުމުގެ އިތުރުން ޤާނޫނު ނަންބަރު 01/2014 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން މިއޮފީހުން އެކިފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އިސްވެ ދެންނެވުނު ކަންކަމާގުޅޭ އެންމެހާ ރެކޯޑުތައް ތަރުތީބުކޮށް ބެލެހެއްޓުން މިޑިޕާޓްމަންޓުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. 

 

ފަހުގެ ލިޔުންތައް


 1. ބޭސްލައިން ރިޕޯޓް ސަމަރީ
  ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-09-19

 2. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި
  ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-09-18

 3. ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
  ބާވަތް: އަންދާސީ ހިސާބު - ޕަބްލިސް ކުރީ: 2022-08-08

 4. މީޑިއާ އޮފިސަރ
  ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-08-04

 5. މަގާމު: ކޮމްޕްލަޔަންސް އޮފިސަރ
  ބާވަތް: ވަޒީފާގެ ފުރުސަތު - ޕަބްލިސް ކުރީ: 2022-07-31

 6. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު
  ބާވަތް: އުސޫލު - ޕަބްލިސް ކުރީ: 2022-07-31

 7. 2 އަހަރު ދުވަހުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުންކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތައް
  ބާވަތް: ހަރަކާތްތައް - ޕަބްލިސް ކުރީ: 2022-07-23

 8. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު 1656 އިފްތިތާހުކޮށްފި
  ބާވަތް: ޚަބަރާއި ނޫސްބަޔާން - ޕަބްލިސް ކުރީ: 2022-07-23

 9. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ޤަވާއިދު
  ބާވަތް: ޤާނޫނުތަކާއި ގަވާއިދުތައް - ޕަބްލިސް ކުރީ: 2022-07-17

 10. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
  ބާވަތް: ރިޕޯޓާއި ދިރާސާ - ޕަބްލިސް ކުރީ: 2022-05-24