މި ޑިޕާޓްމަންޓްގެ މައިގަނޑު މަސްޢޫލިއްޔަތަކީ، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 115 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކޮށްފައިވާފަދައިން ދައުލަތުގެ އިދާރާތަކުން މި ޤާނޫނަށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، މި ޤާނޫނާއި މުއާހަދާ ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމެވެ. އެގޮތުން، ކުޑަކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ އިދާރާތަކާއި، އެއްވެސް ހާލަތެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތައް ކުޑަކުދިންގެ ހައްގުތަކުގެ ނަޒަރުން އޮޑިޓްކުރުމަކީ ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

މިގޮތުން ކުރިއަށް ގެންދެވޭ 2 ބާވަތުގެ "ޗައިލްޑް ރައިޓްސް އޮޑިޓް" އަކީ:

  1. ސްޕޮޓް އޮޑިޓް: ވަކި ހާލަތަކާ ގުޅިގެން ނުވަތަ ހާދިސާއަކާ ގުޅިގެން ކުރިއަށްގެންދެވޭ އޮޑިޓްތައް.
  2. ކުރިއާލާ ރާވައިގެން ކުރިއަށް ގެންދެވޭ އޮޑިޓް: ކަނޑައެޅޭ ވަކި ދާއިރާތަކެއް ނުވަތަ ސަރަހައްދުތަކެއްގައިވާ، ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މަސައްކަތްކުރާ އިދާރާތައް ނުވަތަ މަރުކަޒުތަކުގައި ކުރިއާލާ ރާވާއިގެން ކުރިއަށް ގެންދެވޭ އޮޑިޓް.