ޤައުމީ ކުޑަކުދިންގެ ދުވަސް 2026 ގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ދެއްވާ ވީޑިއޯ ސްޓޭޓްމަންޓް

Video statement by the Children's Ombudsperson on National Children's Day

17 May 2026 - 13:11

17 މެއި 2026 - 13:11

އައްސަލާމް ޢަލައިކުމް. 

ޤައުމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ކުޑަކުދިންނާއި، ބެލެނިވެރިންނާއި، ކުޑަކުދިންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް މަސައްކަތްކުރާ ފަރާތްތަކާއި، ދުރާއި ގާތުން އަޅުގަނޑުގެ އަޑު އައްސަވަމުންގެންދަވާ އެންމެހައި ފަރާތްތަކަށް އަރިސްކުރަން. މިއަދަކީ ޤައުމީ ކުޑަކުދިންގެ ދުވަސް. މިއަދަކީ ތިޔަ ލޮބުވެތި ކުދިންނަށް ހާއްސަކުރެވިފައިވާ ދުވަހަކަށް ވާތީ، ތިޔަކުދިންނަށް އުފާވެރިކަމާއި ހާއްސަކަން އިޙްސާސްވާފަދަ ކަންކަމުގައި ވަގުތު ހޭދަކުރާނެ ކަމަށް އުއްމީދުކުރަން. 

 

ލޮބުވެތިކުދިން! މިއަދު ބޭނުންވަނީ އާއިލާއާއި، ތިޔަކުދިންގެ ގާތް ރައްޓެހިންނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ހަނދާންކޮށްލަދޭން. ތިޔަކުދިންނަށް ދިމާވާ ކަންކަމާ، އެކަންކަމާގުޅިގެން ކުރެވޭ އިހުސާސްތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ މުހިންމުކަން ހަނދާންކޮށްލަދޭން. 

 

އާއިލާއާއި ރައްޓެހިންނާއެކު ތިޔަކުދިން ހޭދަކުރާ ވަގުތުތަކަކީ، ތިޔަކުދިންނަށް އުފާވެރިކަން ގެނެސްދޭ، އަދި ހަމަ ތިޔަކުދިންނަށް ބޭނުންތެރި ގޮތުގައި ހޭދަކުރެވޭ ވަގުތަކަކަށް ހަދަންޖެހޭ. މިސާލަކަށް، ކާ ގަޑިތަކުގައި އާއިލާއާއެކު އެއް މޭޒެއްގައި އެކުގައި ކެއުމާއި، ގޭގައި ހޭދަކުރަން ލިބޭ ވަގުތުތަކުގައި ކަމެއް ނުކޮށް އެކުގައި ތިބެލުމަކީވެސް ދޭދޭ ގުޅުން ރަނގަޅުވެ، ހިތްހަމަޖެހުން ލިބޭކަންކަން. 

 

ތިކުދިންނަށްވެސް އިނގޭނެ، ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަމާ ދިމާވާނެ. އުފާވެރިކަންކަމާއެކު ކަންބޮޑުވާކަންކަންވެސް ބައެއް ފަހަރު ދިމާވާނެ. މިކަންކަމަކީ ތިޔަކުދިން އެކަނި އެކަންކަމާ ކުރިމަތިލާންޖެހޭނެ ކަންކަމެއް ނޫން. ތިޔަ ކުދިންނަށްޓަކައި ތިޔަކުދިންގެ އާއިލާއާއި ގާތްތިމާގެ މީހުން އަދި ރަހުމަތްތެރިން އަބަދުވެސް ތިބޭނެކަން ހަނދާންކުރުމަކީ ވަރަށް މުހިންމުކަމެއް.

 

ބެލެނިވެރިން! ކުދިންގެ އުފާވެރިކަން ބިނާވެފައިވަނީ ކުދިން ދިރިއުޅޭ މާހައުލާއި، އާއިލާއާއި އަދި އެކުދިންގެ އެކުވެރިންނާއިއެކު އޮންނަ ގުޅުމުން ލިބޭ ލޯތްބާއި އަޅާލުމުގެ މައްޗަށް. ކުދިންނާއެކު ވަގުތު ހޭދަކުރާއިރު، އެކުދިން ކުރާހިތްވާ، އެކުދިން ހިތްހަމަޖެހޭ އަދި އުފާވެރިކަން ލިބޭ ކަންކަމަށް އަމާޒުކުރުން މުހިންމު. މިއީ ކުދިންނާއެކު އޮންނަ ގުޅުން ބަދަހިވެ، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް މަގުފަހިވާކަންތައްތަކެއްކަމާއި، އެކަންކަންކުރުމުގެ މުހިންމުކަން އަބަދުވެސް ހަނދާންކޮށްދެން. 

ގޭގެ މާހައުލެކޭ އެއްފަދައިން، ސްކޫލަކީވެސް ކުދިންނަށް މިނިވަންކަމާއެކު އެކުދިންގެ އިހްސާސްތައް ހިއްސާކުރެވޭ، ދޭދޭ ގުޅުން ބަދަހިކުރެވޭނެ ތަނަކަށްވުމުން، ކުދިންގެ ދިރިއުޅުމަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެވޭ. އަދި ސްކޫލް މާހައުލަކީވެސް ރައްކާތެރިތަނެއްގެ ގޮތުގައި އެކުދިންނަށް އިހުސާސްކުރެވޭ. އެހެންކަމުން ސްކޫލްގެ އެންމެހައި ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި އިހުތިރާމް ކުރުމާއި އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް ބިނާކުރުން މުހިއްމު.

 

ކުދިންނާއެކު މަސައްކަތްކުރާ ފަރާތްތައް! ކޮންމެ ކަމެއް ނިންމުމުގައިވެސް ކުދިންގެ މަސްލަހަތަށް އިސްކަން ދިނުމުގެ ސިޔާސަތެއް އަޅުގަނޑުމެން އެންމެންވެސް ގެންގުޅެންޖެހޭ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އަޅުގަނޑުމެންކުރާ މި މަސައްކަތުގެ އަބަދުވެސް އަމާޒަކަށް ވާންވާނީ ހުރިހާ ކުދިންނަށް ރައްކާތެރި، އުފާވެރި މުސްތަގުބަލެއް ހޯދައިދިނުން. އެހެންކަމުން، މި ފުރުސަތުގައި ތިޔަ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، އަޅުނގަޑުމެންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. 

 

އަޅުގަނޑުގެ ދުޢާއަކީ، ލޮބުވެތި ހުރިހާ ކުޑަކުދިންނަކީވެސް އަމިއްލަ ނަފްސަށް އިތުބާރުކުރާ، ކަންކަމާ ކުރިމަތިލާންކެރޭ، މުސްތަޤުބަލު އުޖާލާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރާ ކުދިބަޔަކަށްވުން. އަދި ކޮންމެ ކުއްޖަކަށްވެސް އުފާވެރި، ދުޅަހެޔޮ އަދި ކާމިޔާބު ހަޔާތެއް މާތް ﷲ މިންވަރުކުރެއްވުން. އާމިން! ވައްސަލާމް.