ދ.އަތޮޅުގެ ސްކޫލްތަކުގެ ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް "ކުދިންގެ ރައުޔު ފޯރަމް" ކުރިއަށްގެންގޮސްފި
Kudhinge rauyu forum has been conducted to schools in Dh. Atoll
-
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ "ކުދިންގެ ރައުޔު" ސިލްސިލާ ފޯރަމްގެ 10 ވަނަ ފޯރަމް 2024 އޮކްޓޯބަރ 19 ވަނަ ދުވަހު ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިޔަށް ގެންގޮސްފައިވެއެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ދ.އަތޮޅުގެ 5 ސްކޫލަކުން 91 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒު، ދ.އަތޮޅު މަދަރުސާ، ދ.ބަނޑިދޫ، ދ.މާއެނބޫދޫ އަދި ދ.ހުޅުދެލި ސްކޫލްގެ ގްރޭޑް 8، 9، 10، 11 އަދި 12 ގެ ދަރިވަރުން ހިމެނެއެވެ.
ކުދިންގެ ރައުޔު ފޯރަމަކީ، ކުދިންނާ ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމް އަމާޒުކުރެވިފައިވަނީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. މި ފޯރަމުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ރޯލް ޕްލޭ ހުށަހަޅާފައި ވެއެވެ. އަދި ކުދިން ހުށަހަޅާފައިވާ ރޯލް ޕްލޭތަކުގައި އެކުދިންނާ ގުޅޭ އެކި ކަންކަމުގައި ކުދިންގެ ޚިޔާލާއި މަޝްވަރާ ހިއްސާކޮށްފައި ވެއެވެ.
ކުދިންގެ ރައުޔު ފޯރަމް މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަނީ ބާއްވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ދަރިވަރުންނަށާއި، ހދ.އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށާއި، ފުވައްމުލައް ސިޓީގެ ދަރިވަރުންނަށާއި، ގދ. އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށާއި، ގއ. ގެމަނަފުށީގެ ދަރިވަރުންނަށާއި، ހއ. އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނާއި. ށ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނާއި ހުޅުމާލޭ ޘާނަވީ ސްކޫލްތަކުގެ ދަރިވަރުން އަދި އިމާދުއްދީން ސްކޫލްގެ ދަރުވަރުންނަށް އަމާޒުކޮށްގެން ފޯރަމްތައް ވަނީ ބާއްވާފައެވެ. މި ފޯރަމްތައް މެދުވެރިކޮށް ޖުމްލަ 934 ދަރިވަރުންނަށް ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.