2024 ވަނަ އަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުން

Celebration of 2024 National Children's Day

12 May 2024 - 13:20

12 މެއި 2024 - 13:20

-

ދުނިޔޭގެ އެކި ޤައުމުތަކުގައި އެ ތަނެއްގެ "ޤައުމީ ކުޑަކުދިންގެ ދުވަސް" އަހަރުގެ އެކި ދުވަސްތަކުގައި ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖޭގައި  ޤައުމީ ކުޑަކުދިންގެ ދުވަސް، ކޮންމެ އަހަރެއްގައި ފާހަގަކުރަމުންގެންދަނީ މޭ މަހުގެ 10 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގައި ޤައުމީ ކުޑަކުދިންގެ ދުވަސް 10 މޭ ގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖޭގެ ތުއްތު ކުދިންނަށް ތަޢުލީމު ދިނުމަށް ޚާއްޞަ ކުރެވިފައިވާ މޮންޓެސޫރީ ސްކޫލް ހުޅުވިފައިވަނީ، މީގެ އެތަކެއް އަހަރުކުރިން، މޭ މަހުގެ 10 ވަނަ ދުވަހުކަމަށްވާތީއެވެ. 

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދުތަކަކީ، ކުޑަކުދިންނާ ގުޅުންހުރި ކަންތައްތައް، އަދި ވަކިން ޚާއްޞަކޮށް، ކުއްޖަކު މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެންފެށިގެން ކުޑަކުދިންގެ ޞިއްޙަތާއި، ތަޢުލީމާއި، އަޚްލާޤާއި، ތަރުބިއްޔަތާ ގުޅުންހުރިކަންކަން، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމެވެ. އަދި މިކަންކަން ކުރުމަށް ދައުލަތުގެ ގުޅުހުންހުރި އިދާރާތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، އަދި ޤައުމުގެ އެންމެހާ ފަރުދުންގެ އެހީ ލިބޭނެ އަދި ލިބެމުންދާނެ ގޮތްތަކެއް ރޭވުމެވެ. މީގެއިތުރުން، ކުޑަކުދިންނާ ގުޅުންހުރި މިފަދަ އެންމެހައި ކަންކަމާ ގުޅޭގޮތުން، ހޭލުންތެރިކަން އިތުރުކޮށް، މި ކަންކަމުގެ ތެރެއިން ހުރިހާ ޢުމުރުފުރާއެއްގެ ކުދިންނަށްވެސް ލިބެންޖެހޭ ލޯތްބާއި، އަޅާލުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރުމަކީވެސް މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ އެއް ބޭނުމެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށް، މަޢުލޫމާތު ފޯރުކޮށްދިނުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ގިނަ ޙަރަކާތްތަކެއްގައި ބައިވެރިވެފައިވެއެވެ އެގޮތުން، ދުވަހާ ގުޅޭ ޚިތާބެއް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އަލްފާޟިލާ ނިޢުމާތު ޝަފީގް، ދެއްވާފައިވެއެވެ. މި ޚިތާބުގައި ދުވަހުގެ ތަހުނިޔާ ފޮނުވުމާއެކު، ކުޑަކުދިންގެ ޙައްޤުތަކާއެކު، އެ ކުޑަކުދިންނާއި، ބެލެނިވެރިންނާއި ދައުލަތުގެ މުވައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތަކަށް އަލިއަޅުވާލައި މި ކަންކަމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެންމެހާ ފަރާތްތަކުން މިކަންކަން ފުރިހަމަކުރުމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑި.ސީ)އާއި އުރީދާއާ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް 10 އަދި 11 މޭގައި "އުފާ ފެސްޓިވަލް"ގެ ނަމުގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކާނިވަލެއް ކުރިއަށްގެންގޮސްފައިވެއެވެ. މި ފެސްޓިވަލުގެ ޙަރަކާތްތަކުގެތެރެއިން 10 މޭގައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގައި މި އޮފީހުން ބައިވެރިވެފައިވެއެވެ. ދެ ދަންފަޅިއަށް ކުރިއަށްގެންދިޔަ މި ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު، މަޖާ ކުޅިވަރުތަކާއެކު ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކާ ގުޅުންހުރި މަޢުލޫމާތު ކުޑަކުދިންނާއި އެ ކުދިންނާއެކު މި ހަވީރަށް ޒިޔާރަތްކުރި ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ.

ދ. ކުޑަހުވަދޫ ކައުންސިލްއާ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މޭ 9 ން 11އަށް ދ. ކުޑަހުވަދޫގައި ކުރިއަށްގެންދިޔަ، ޙަރަކާތްތަކުގެ ތެރެއިން 11 މޭ ގައި ކުރިއަށްގެންގޮސްފައިވާ ރަށުތެރެ ސާފުކުރުމާއި ގަސް އިންދުމުގެ ހަރަކާތާއި، ކުޑަކުދިންގެ ހަވީރުގައި މި އޮފީހުން ބައިވެރިވެފައިވެއެވެ. އެގޮތުން، ދ. ކުޑަހުވަދޫގައި ބޭއްވި ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު، މަޖާ ކުޅިވަރުތަކާއެކު ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކާ ގުޅުންހުރި މަޢުލޫމާތު ކުޑަކުދިންނާއި އެ ކުދިންނާއެކު މި ހަވީރަށް ޒިޔާރަތްކުރި ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ.