ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ ދެވަނަ ޗައިލްޑް "ރައިޓްސް ސިމްޕޯޒިއަމް ވުނަ – އިންވެސްޓް އިން ޗިލްޑްރަން" ފަށައިފި

Children’s Ombudsperson’s Office Commences Second “Child Rights Symposium 2 Vuna – Invest in Children”

20 Nov 2024 - 09:10

20 ނޮވެމްބަރ 2024 - 09:10

/

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބާއްވާ 2 ވަނަ ޗައިލްޑް ރައިޓްސް ސިމްޕޯސިއަމް މިއަދު ފަށައިފިއެވެ. މި ސިމްޕޯޒިއަމްއަކީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާގުޅުވައިގެން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ޔުނިސެފް މޯލްޑިވްސްއާ ގުޅިގެން ގެންދާ ދެ ދުވަހުގެ ސިމްޕޯޒިއަމްއެކެވެ. މި ސިމްޕޯޒިއަމްގައި ކުޑަކުދިންނާ ގުޅޭގޮތުން ހުރި ހައްސާސް ކަންކަމުގެ މައްޗަށް، އެކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ ޙާއްޞަ ފަރާތްތަކާއި މުއައްސަސާތަކުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދާނެއެވެ.

މި ސިމްޕޯޒިއަމްގެ ޝިއާރެއްކަމުގައި ކަނޑައަޅާފައިވަނީ "ވުނަ- އިންވެސްޓް އިން ޗިލްޑްރަން"އެވެ.  ދިވެހި ބަހުގައި އާންމުގޮތެއްގައި "ވުނަ" މި ބަސް ބޭނުންކުރަނީ ފައިސާއާގުޅޭ ކަންކަމުގައި ވީނަމަވެސް، މި ބަސް މިއަށްވުރެ ފުޅާގޮތެއްގައި މި އިވެންޓްގައި ބޭނުންކުރެވޭނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި އިޖްތިމާއީގޮތުން ކުރަންޖެހޭ ވުނަކުރުންތަކަށެވެ.

މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދުގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ އެކި ކަންކަމުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ދިރާސާތަކުގެ އަލީގައި އެކުދިންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަމާއި، ކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ އިދާރާތަކުގެ މެދުގައާއި ރާއްޖެއާއި ބައިނަލްއަޤްވާމީ މާހިރުންގެ މެދުގައި އިލްމާއި ތަޖުރިބާގެ އަލީގައި އުފެއްދުންތެރި މަޝްވަރާތަކެއް ހިއްސާކުރުމާއި، ކުދިންނާ ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި ރައުޔު ހޯދުން ހިމެނެއެވެ.

މި ސިމްޕޯޒިއަމް ފެށުމުގެ ގޮތުން ޤުރުއާން ކިޔެވީ އިހަވަންދޫ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރު ފާތިމަތު ޝައިހާ އަބުދުއްސައްތާރުއެވެ. ސިމްޕޯޒިއަމް އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދެއްކެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިއުމާތު ޝަފީޤެވެ. އެކަމަނާގެ ވާހަކަފުޅުގައި ކުޑަކުދިންނަށް އަލި މުސްތަގުބަލެއް ހޯދައިދިނުމަށް ކުޑަކުދިންނާ ގުޅޭ ކަންކަމުގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.