ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ހއ.ދިއްދޫގައި ކުރިއަށް ގެންގޮސްފި

Child Rights Activities Conducted at Ha. Dhidhdhoo

30 Oct 2023 - 11:01

30 އޮކްޓޯބަރ 2023 - 11:01

Child Rights Activities Conducted at Ha. Dhidhdhoo

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހއ.ދިއްދޫގައި ކުރިއަށް ގެންގޮސްފިއެވެ. ހއ.ދިއްދޫގައި ކުރިއަށްގެންދިޔަ މި ހަރަކާތްތައް ފެށިގެން ދިޔައީ 26 އޮކްޓޫބަރު 2023 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ސެޝަނުންނެވެ.  މި ސެޝަންގައި "ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން" ނަގާނެ ގޮތާއި، ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުމާގުޅޭ މަޢުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދެވުނެވެ. އަދި ކުއްޖެއްގެ ޙައްޤެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެކަން ރިޕޯޓް ކުރާނެ ފަރާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

މީގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ "ކުދިންގެ ރައުޔު" ސިލްސިލާގެ ހަތްވަނަ ފޯރަމް ވަނީ 28 އޮކްޓޫބަރު 2023 ގައި ހއ. އަތޮޅު ތައުލީމީ މަޒުކަޒުގައި ބާއްވާފައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި ހއ.އަތޮޅުގެ 13 ސްކޫލަކުން ޖުމްލަ 101 ކުދިން ބައިވެރިވިއެވެ. ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ. މި ފަހަރުގެ ފޯރަމްގައިވެސް ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ފޯރަމްގައި ބައިވެރިވި ކުދިންވަނީ އެކުދިން އަނބުރާ ސްކޫލަށްގޮސް، ފޯރަމްއިން ދަސްވި މައުލޫމާތު އެހެން ކުދިންނަށް އަންގައިދިނުމުގެ ގޮތުން ކުރާނެ ކަންކަމުގެ އެކްޝަން ޕްލޭންއެއް އެކުލަވާލާފައެވެ.