ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހދ، ށ، ބ، ލ އަދި ގދ އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް އޮޑިޓް ޒިޔާރަތެއް ކޮށްފި
Children's Ombudsperson's Office Conducts Comprehensive Audits at Family and Children Service Centers Across Hdh, Sh, B, L, and Gdh Atolls
Children's Ombudsperson's Office Conducts Comprehensive Audits at Family and Children Service Centers Across Hdh, Sh, B, L, and Gdh Atolls
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބުމަށް ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ބ. އޭދަފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫ ގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ) ތަކަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ޒިޔާރަތްކޮށްފިއެވެ. 2023 އޮކްޓޫބަރު 28 އިން 2023 ނޮވެންބަރު 1 އަށް ކުރިއަށް ގެންދިޔަ މި އޮޑިޓް ޒިޔާރަތްތަކުގައި، މި އޮފީހުގެ ކޮމްޕްލަޔަންސް އެންޑް އެންފޯސްމަންޓް، މޮނިޓަރިން އެންޑް އިވޭލުއޭޝަން އަދި އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓްގެ ޓީމްތައް ބައިވެރިވެފައިވެއެވެ.
މި ޒިޔާރަތްތަކަކީ މި އޮފީހުން އެފް.ސީ.އެސް.ސީތަކުގައި ކުރިއަށް ގެންދިޔަ އޮޑިޓުތަކުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކޭސް ވޯކް ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ އޮޑިޓެކެވެ. މި ފައިލް އޮޑިޓްތަކުގައި މިސެންޓަރުތަކަށް ކުޑަކުދިންނާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށާއި، ގިނަ ވަގުތު ހޭދަވެފައިވަނީ ކޮން ބާވަތެއްގެ މައްސަލަތަކެއްގައި ކަމާއި، ކޮންމެ ސެންޓަރެއްގައި މަސައްކަތްކުރާ ކޭސް ވޯކަރުންނަށް ހަވާލުކުރެވިފައިވާ ކޭސްގެ އަދަދާއި، ކޭސް މަސައްކަތް ކުރެވިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތްކުރެވޭނެއެވެ.
މި ފައިލް އޮޑިޓް ކުރިއަށް ގެންދިޔައީ މި ސެންޓަރުތަކުގައި އަމަލުކުރާ އެކި ގަވާއިދުތަކާއި އުސޫލުތަކާއި، ބަލަހައްޓާ ރެކޯޑްތައް ބެލުމަށްފަހުގައެވެ. އަދި މި އޮޑިޓްތަކުގައި ލިބުނު މަޢުލޫމާތުގެ އަލީގައި އިޞްލާޙުކުރަން ނުވަތަ އިތުރަށް ހަރުދަނާކުރަންޖެހޭ ކަމެއް ފާހަގަކުރެވޭނަމަ، އެކަންކަން ކަމާގުޅޭ ޢިދާރާތަކާއި ޙިއްސާކުރާނެއެވެ. އަދި އެ ޙިއްޞާކުރާ ކަންކަން ތަންފީޛުކުރާ މިންވަރުވެސް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ގަވާއިދުން މޮނިޓަރކުރަމުންގެންދާނެއެވެ.