ހުޅުމާލޭގެ ޘާނަވީ ސްކޫލުތަކުގެ ދަރިވަރުންނަށް "ކުދިންގެ ރައުޔު ފޯރަމް" ކުރިއަށްގެންގޮސްފި

Highlights from the eighth "Kudhinge Rauyu Forum" held at Salaahudhdheen School.

27 Jan 2024 - 11:43

27 ޖެނުއަރީ 2024 - 11:43

-

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ "ކުދިންގެ ރައުޔު" ސިލްސިލާ ފޯރަމްގެ 8 ވަނަ ފޯރަމް ވަނީ 27 ޖަނަވަރީ 2024ގައި ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފައެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ހުޅުމާލޭގެ ޘާނަވީ ތަޢުލީމުދޭ 5 ސްކޫލަކުން 97 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި، ޞަލާޙުއްދީން ސްކޫލް، ރެހެންދި ސްކޫލް، ހުރަވީ ސްކޫލް، ޣާޒީ ސްކޫލް އަދި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ހިމެނެއެވެ. 

 

ކުދިންގެ ރައުޔު ފޯރަމަކީ، ކުދިންނާ ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމް އަމާޒުކުރެވިފައިވަނީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. މި ފޯރަމުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ރޯލް ޕްލޭ ހުށަހަޅާފައި ވެއެވެ. އަދި ކުދިން ހުށަހަޅާފައިވާ ރޯލް ޕްލޭތަކުގައި އެކުދިންނާ ގުޅޭ އެކި ކަންކަމުގައި ކުދިންގެ ޚިޔާލާއި މަޝްވަރާ ހިއްސާކޮށްފައި ވެއެވެ. 

 

ކުދިންގެ ރައުޔު ފޯރަމް މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަނީ ބާއްވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ދަރިވަރުންނަށާއި، ހދ.އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށާއި، ފުވައްމުލައް ސިޓީގެ ދަރިވަރުންނަށާއި، ގދ. އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށާއި، ގއ. ގެމަނަފުށީގެ ދަރިވަރުންނަށާއި، ހއ. އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށާ އަދި ށ. އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފޯރަމްތައް ވަނީ ބާއްވާފައެވެ. މި ފޯރަމްތަށް މެދުވެރިކޮށް ޖުމްލަ 678 ދަރިވަރުންނަށް ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.