ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވުން

National Children's Day 2023: Participating in activities held in GA. Gemanafushi

13 May 2023 - 12:32

13 މެއި 2023 - 12:32

-

ޤައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ޔުނިސެފް މޯލްޑިވްސްއާ، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ގއ. ގެމަނަފުށީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މި އޮފީހުން ކުރިއަށް ގެންދާ "ކުދިންގެ ރައުޔު" ސިލްސިލާ ފޯރަމްގެ ފަސްވަނަ ފޯރަމް  މި ހަރަކާތްތަކާއެކު 2023 މޭ 11 ވަނަ ދުވަހު ގއ. ގެމަނަފުށީގައި ވަނީ ބާއްވައިފައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ގެމަނަފުށީ ސްކޫލުގެ ޖުމްލަ 40 ދަރިވަރުން ބައިވެރިވިއެވެ.

ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ޚާއްސަ ފޯރަމެކެވެ. މި ފޯރަމް އަމާޒުކުރެވިފައިވަނީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. މި ފޯރަމުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 5 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައި ވެއެވެ. އަދި ކުދިން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންތަކުގައި އެކުދިންނާއި ގުޅޭ އެކި ކަންކަމުގައި ކުދިންގެ ޙިޔާލާއި މަޝްވަރާ ހިއްސާކޮށްފައި ވެއެވެ.

މިއަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ގެމަނަފުށީގައި ތަފާތު އެކި ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އޭގެތެރެއިން ކުދިންނަށް ޚާއްސަކޮށްގެން 2023 މޭ 12 ވަނަ ދުވަހު ބޭއްވި ކުޑަކުދިންގެ ހަވީރުގައި މި އޮފީހުގެ ފަރާތުންވަނީ ބައިވެރިވެފައެވެ. ކުޑަކުދިންގެ ހަވީރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދާއި، ޔުނިސެފްގެ ރެޕްރެޒެންޓިވް ޑރ. އެޑްވަރޑް އެޑީއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ތަފާތުއެކި ކުޅިވަރުގެ ހަރަކާތްތަކާއެކު ކުރިއަށްގެންދިޔަ މި ހަވީރުގައި ގެމަނަފުށީގެ ގިނަ އަދަދެއްގެ ކުޑަކުދިންވަނީ ބައިވެރިވެފައެވެ.

"ރެޑިއުސް ސިންގަލް ޔޫޒް ޕްލާސްޓިކް" މި ޝިއާރުގެ ދަށުން ގެމަނަފުށީގައި ބޭއްވި ރަށް ސާފު ކުރުމުގެ ޕްރޮގްރާމްގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތަކާއި ގުޅޭ ބިލްބޯޑް ލޯންޗުކުރުމާއި، އާރްޓް އެގްޒިބިޝަން އިފްތިތާހުކުރުމުގެ ގޮތުން ގެމަނަފުށީ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްރަސްމިއްޔާތުގައި މި އޮފީހުގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތައް ނިންމާލާފައިވަނީ ކުޑަކުދިންނަށް ޙާއްސަ ކަލަރ ރަން އާ އެކުގައެވެ.