ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ށ. ފުނަދޫގައި ކުރިއަށް ގެންގޮސްފި

Child Rights Awareness activities conducted at Sh. Funadhoo

20 Aug 2023 - 09:16

20 އޯގަސްޓް 2023 - 09:16

-

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ށ. ފުނަދޫގައި ކުރިއަށް ގެންގޮސްފިއެވެ. ށ. ފުނަދޫގައި ކުރިއަށްގެންދިޔަ މި ހަރަކާތްތައް ފެށިގެން ދިޔައީ 17 އޮގަސްޓު 2023 ގައި ށ. ފުނަދޫ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ސެޝަނުންނެވެ.  މި ސެޝަންގައި "ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން" ނަގާނެ ގޮތާއި، ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުމާގުޅޭ މަޢުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދެވުނެވެ.  

މީގެއިތުރުން، 19 އޮގަސްޓު 2023 ގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށް ގެންދާ "ކުދިންގެ ރައުޔު" ސިލްސިލާ ފޯރަމްގެ ހަވަނަ ފޯރަމް ވަނީ ފުނަދޫ ސްކޫލްގައި ކުރިއަށް ގެންގޮސްފައެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ށ. އަތޮޅުގެ 14 ސްކޫލަކުން ޖުމްލަ 108 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ފޯރަމްގައި ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި، މުނައްވަރާ ސްކޫލް، ށ. އަތޮޅު ތައުލީމީ މަރުކަޒު، ށ. އަތޮޅު ސްކޫލް، ފީވަކު ސްކޫލް، ފޯކައިދޫ ސްކޫލް، މިލަންދޫ ސްކޫލް، ބިލެއްފަހި ސްކޫލް، ފޭދޫ ސްކޫލް، ގޮއިދޫ ސްކޫލް، ޅައިމަގު ސްކޫލް، ނަރުދޫ ސްކޫލް، ނޫމަރާ ސްކޫލް، ފުނަދޫ ސްކޫލް އަދި މާއުނގޫދޫ ސްކޫލް ހިމެނެއެވެ. 

ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި، އެކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމް އަމާޒުކުރެވިފައިވަނީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. މި ފޯރަމުގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައި ވެއެވެ. އަދި ކުދިން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންތަކުގައި އެކުދިންނާއި ގުޅޭ އެކި ކަންކަމުގައި ކުދިންގެ ޙިޔާލާއި މަޝްވަރާ ހިއްސާކޮށްފައި ވެއެވެ. އެހެން ފޯރަމްތަކަކާއި ޚިލާފަށް މިފަހަރުގެ ފޯރަމް ނިންމާލާފައިވަނީ އެކްޝަން ޕްލޭން އެކުލަވާލުމަށްފަހުއެވެ. މި އެކްޝަން ޕްލޭނަކީ ކުދިންނަށް މި ރައުޔު ފޯރަމް މެދުވެރިކޮށް ދަސްވި ކަންކަމަށް ބިނާކޮށް، ސްކޫލް މާހައުލުގައާއި މުޖުތަމައުގައި އެކަން އަމަލީ ގޮތުން އެޕްލައި ކުރާނެ ގޮތްތަކާއި، އަދި އެހެން ކުދިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން އެކުލަވާލާ ހާއްސަ އެކްޝަން ޕްލޭނެކެވެ.

ކުދިންގެ ރައުޔު ފޯރަމް މީގެ ކުރިންވެސް ރާއްޖޭގެ ފަސް ސަރަހައްދަކަށް އަމާޒުކޮށް ވަނީ ބާއްވާފައެވެ. އެގޮތުން 2022 އަހަރުވަނީ އައްޑޫ ސިޓީގެ ދަރިވަރުންނަށާއި، ހދ. އަތޮޅުގެ ރަށްރަށުގެ ދަރިވަރުންނަށާއި، ފުވައްމުލައް ސިޓީގެ ދަރިވަރުންނަށް މި ފޯރަމް ބާއްވާފައެވެ. އެގޮތުން 2022 އަހަރު ޖުމްލަ 330 ދަރިވަރުންނަށް ވަނީ މި ފޯރަމް މެދުވެރިކޮށް ކުޑަކުދިންގެ ހައްޤުތަކާ ގުޅޭ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދެވިފައެވެ. މީގެއިތުރުން މި އަހަރުވަނީ ގއ. ގަމަނަފުށީގައާއި، ގދ. ތިނަދޫގައި މި ފޯރަމް ބާއްވާފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 141 ދަރިވަރުންނަށް ވަނީ މި ފޯރަމް މެދުވެރިކޮށް ކުޑަކުދިންގެ ހައްޤުތަކާ ގުޅޭ ތަފާތު އެކި މައުލޫމާތު ފޯރުކޮށްދެވިފައެވެ.

މި ހަރަކާތްތަކުގެ ދަށުން 19 އޮގަސްޓު 2023 ގައި ށ. އަތޮޅުގެ ސްކޫލްތަކުގެ ޓީޗަރުނަށް އަމާޒުކޮށްގެން "ޕްރެކްޓިސިންގ ޗައިލްޑް ރައިޓްސް" ގެ ނަމުގައި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޙާއްސަ ސެޝަނެއްވަނީ ބާއްވާފައެވެ. މި ސެޝަނުގައި ށ. އަތޮޅުގެ ޖުމްލަ 14 ސްކޫލަކުން 66 ޓީޗަރުންވަނީ ބައިވެރިވެފައެވެ. މި ސެޝަނުގެ ތެރެއިން "ބެސްޓް އިންޓްރެސްޓް އޮފް ދަ ޗައިލްޑް"، "ޗައިލްޑް ރައިޓްސް ބޭސްޑް އެޕްރޯޗް" އަދި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންގުރި ޤާނޫނުތައް އަދި ތައުލީމީ ދާއިރާގައި ކުޑަކުދިންނާ ގުޅޭގޮތުން ހަދާފައިވާ އެކިއެކި އުސޫލްތަކާ ބެހޭގޮތުން  މައުލޫމާތު ފޯރުކޮށްދީ އެކަން ޢަމަލީގޮތުން ބޭނުންކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވިފައި ވެއެވެ.